ފަހުގެ އަޕްޑޭޓްތައް

ތަރައްޤީއަށް ހުރި ގޮންޖެހުމަކީ އާބާދީ ހެއްޔެވެ؟

Posted on: January 20, 2015

ކައުންސިލްތަކުގެ ހިންގުމަށް ބަލާލާއިރު ރާއްޖޭގެ ނިސްބަތުން ގިނަ ކައުންސިލްތަކަކީ ކުރެވޭނޭ މާ ބޮޑު ކަމެއް ނެތް އެހެންނަމަވެސް ކުރީގަވެސް ރަށު އޮފީހުން ދެމުންދާ އަސާސީ ޚިދުމަތްތައް ރަށަށް ފޯރުކޮށްދޭ ބަޔަކަށް މިވަނީ ވެފައެވެ. އެހެން ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ލިބިދީފައި ވާ ބާރުތަކާއި އެއްކޮށް ބައެއް ކައުންސިލްތައް ވަނީ އަމިއްލަފައި މައްޗަށް ތެދުވެފެއެވެ. ކައުންސިލް ނަމުގައި ވިޔަފާރި އަދި އެނޫންވެސް ކައުންސިލަށް އާމްދަނީ ލިބޭނެ ކަންކަން ކުރަންފައްޓާފައެވެ. އަޅުގަނޑުމެންގެ މި މިޖުތަމައުތެރޭގައި އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ ކައުންސިލުން ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ތެދެކެވެ. ކައުންސިލުން ރަށަށް ރަށުގެ ތަރައްޤީއަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ކައުންސިލްގެ ފުރަތަމަ ދައުރު ނިމިގެން ދިޔަ އިރުވެސް ރަށުގައި ކައުންސިލުން ކޮށްދިން ކަމެކޭ ބުނާވަރުގެ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. ހަމަ އެގޮތަށް ކައުންސިލުގެ ދެވަނަ ދައުރުގަ ވެސް މިކަން އަދި އޮތީ ހަމަ މިހެންނެވެ.

 

ހޯނޑެއްދޫ ކައުންސިލަކީ ސަރުކާރުންދޭ ގްރާންޓް ނުވަތަ ބަޖެޓަށް ބަރޯސާވެގެން ހިންގާ ކައުންސިލެކެވެ. ކައުންސިލްގައި ގިނަ ތަރައްޤީގެ މަޝްރޫއުތައް ޕްލޭން ކުރެވިފައި ހުރި ނަމަވެސް ސަރުކާރުން އެކަމަށް ބަޖެޓް ނުދެނީސް ކުރެވޭނެ ހަމައެއްވެސް ގޮތެއް ނެތެވެ. ރަށުގެ ބަނދަރާއި، ކުނީގެ މައްސަލައާއި، ނަރުދަމާއާއި ފެނުގެ މައްސަލަ އާއި ކަރަންޓުގެ މައްސަލަ ފަދަ މައްސަލަތައް ހައްލު ކުރުމަކީ ކައުންސިލުން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގައި އާއި އަމިއްލަ ފަރާތްތަކުގައި ދަންނަވައިގެން ބަޖެޓް ހޯދަން މަސައްކަތްކުރުމަކީ ކައުންސިލުން ކުރަންޖެހޭ އަދި މިހާރުވެސް ކުރަމުންދާ ކަމެކެވެ.

 

މި ހިނގާ 2015 ވަނައަހަރުގެ ބަޖެޓް ހެދިގެން އައި ހޯނޑެއްދޫގެ ތަރައްޤީއަށް ގިނަ މަޝްރޫއުތަކެއް ހިމަނައި ކައުންސިލުން ބަޖެޓް ހަދައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. އެހެންނަމެވެސް ދައުލަތުގެ ’24ބިލިއަން ރުފިޔާގެ’ ބަޖެޓް ހެދިގެން އައިއިރު ހޯނޑެއްދޫ ކައުންސިލުން ހޯނޑެއްދޫގެ ތަރައްޤީއަށް ހިމަނާފައިވާ އެއްވެސް ކަމަކަށް ބަޖެޓްކުރެވިފައެއް ނެތެވެ. އެއިން އެއްވެސް ކަމެއްގެ ވާހަކައެއްވެސް ނެތެވެ. ކުރުކޮށް ދެންނެވޭނީ ދިވެހި ދައުލަތުގެ 24 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހޯނޑެއްދޫއެއް ނެތެވެ. އެހެން ނަމަވެސް ހޯނޑެއްދޫ އަކީ ވެސް ދިވެހި ރައްޔިތުން ދިރިއުޅޭ ދިވެހިރާއްޖޭގެ ރަށް ތަކުގެ ތެރެއިން ރަށެކެވެ. ހަމަ މިރަށުގައި މި އުޅޭ ރައްޔިތުންނަށް ވެސް އަސާސީ ޚިދުމަތްތައް ބޭނުންވާނެކަން ކަށަވަރެވެ. ރަށުގައި ތަރައްޤީގެ ބޮޑެތި މައްސަލަތައް ހުރެ، ސަރުކާރަށް އެކަން އެނގި ބަޖެޓުގައި އެ މައްސަލަތައް ހައްލުކުރުމަށް ކައުންސިލުން އެދުމުން ބަޖެޓު ހެދި ފައިނަލްވެގެން އައިއިރު އެއިން އެއްވެސް ކަމެއް ނެތުން އެއީ އިއްތިފާގަކަށް ވެދާނެ ބާއެވެ؟ އެހެން ނޫނީ އާބާދީގެ ނިސްބަތުން ފަރަޤުކުރުމަށް ވެދާނެ ބާއެވެ؟ އެހެން ނޫނީ މިރަށުގައި ރައްޔިތުންނަށް ޚަރަދުކުރަން ސަރުކާރުގައި ފައިސާ ނެތީކަމަށް ވެދާނެ ބާއެވެ؟

 

ސިޔާސީ އެކި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ރަށެއް އެކަހެރި ކޮށްލުމަކީ ހިތާމަ ހުރި ކަމެކެވެ. ރާއްޖޭގައި ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އޮތަސް ރައްޔިތުންގެ އެދުމަކީ ހަމަ އެންމެ އެދުމެކެވެ. ރައްޔިތުން އެދެނީ މިއަދަށްވުރެ ފަހި މާދަމާއަކަށެވެ. ކަން މިހެން އޮތް އިރު މިއަދުގެ ސަރުކާރުން ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި ކަންކަމަށް ބީރު ކަންފަތެއް ދެނީ ކީއްވެތޯ އެއީ މިއަދު ރައްޔިތުންނަށް ސާފުވާން ވެއްޖެ ކަމެކެވެ. ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމެކެވެ. މިފަދަ ކުޑަ އާބާދީ އެއް އޮންނަ ރަށަކަށް ކުނި މެނޭޖް ކުރެވޭނެ ގޮތެއް ހަދައިދިނުން އެއީ ސަރުކާރަށް ބޮޑުކަމަކަށް ވެދާނެ ހެއްޔެވެ؟ އެހެން ނޫނީ ޖެޓީ މަރާމާތުކޮށްދިނުން އެއީ ބޮޑުކަމަށް ވެދާނެބާއެވެ؟ ނުވަތަ ކުޅިވަރު ކުޅޭނެ ތަންތައް ތަރައްޤީކުރުން އެއީ ހަމައެހާ ބޮޑު ކަމެއް ހެއްޔެވެ؟

ލިޔުނީ:  ޙުސައިން ފިރުޝާން
ކައުންސިލް މެމްބަރ